ޕްލާސްޓިކް ގެ ސަބަބުން ދިމާވާ ގޮންޖެހުން ތަކުން އަރައިގަތުމަށް ފުވައްމުލައް ސިޓީ ކައުންސިލުގެ އިމާރާތްތަކާއި މި ކައުންސިލުން ހިންގާ އިމާރާތްތަކަށް 01 ޖުލައި 2023 އިން ފެށިގެން އެއްކަމު ޕްލާސްޓިކް ވެއްދުން މި ކައުންސިލުން މަނާކޮށްފިއެވެ.
ފުވައްމުލައް ސިޓީ ކައުންސިލް ހިންގަމުން އަންނަ އިމާރާތްތަކުގެ އިތުރުން އެއްކަމު ޕްލާސްޓިކް ވެއްދުން މަނާކޮށްފައިވަނީ މި ކައުންސިލުން ހިންގަމުން އަންނަ ފުވައްމުލަކު ޕަބްލިކް ލައިބްރަރީ އާއި ފުވައްމުލަކު ނޭޗަރ ޕާކަށެވެ. މީގެ އިތުރުން މި ކައުންސިލުން މިކަމާއި ގުޅިގެން ނިންމި ނިންމުމުގައި އިތުރަށް ބުނެފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލުން ހިންގާ ހަރަކާތްތަކުގައި އެއްކަމު ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމަށްވެސް ނިންމައިފައިވާ ކަމުގައެވެ.
ފުވައްމުލަކު ނޭޗަރ ޕާކުން 01 ޖުލައި 2023 އިން ފެށިގެން އެތަނަށް ވެއްދުން މަނާކޮށްފައިވާ ތަކެތީގެ ތެރޭގައި ކަނޑައަޅައިފައިވަނީ ޕްލާސްޓިކް ކޮތަޅު، ޕްލާސްޓިކް އަދި ސްޓައިރޮފޯމް ތަށި ފަދަ ތަކެތީގެ އިތުރުން 5 ލީޓަރަށްވުރެ ކުދި ފެންފުޅި އަދި ޕްލާސްޓިކް ކަޓްލަރީ (ސަމުސާ، އޫ ފަދަ ތަކެތި) އެވެ.
މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުންވަނީ ޤަވާއިދާ ޚިލާފަށް މޫދަށާއި ހޭޅިފަށް، ޗަސްބިން ސަރަހައްދު އަދި ކުނި އަޅަން ހަމަޖެހިފައި ނުވާ ސަރަހައްދުތަކަށް ކުނި އަޅާ މީހުންގެ މައުލޫމާތު ވީޑިއޯ ނުވަަތަ ފޮޓޯއާއި އެކު ފުވައްމުލައް ސިޓީ ކައުންސިލުގެ އެންވަޔަރަމެންޓް ސެކްޝަން ފޮނުއްވައިދެއްވުމަށް ރައްޔިތުންގެ ކިބައިން އެދިފައެވެ. އެގޮތުން ވީޑިއޯ ނުވަތަ ފޮޓޯ ވައިބަރ މެދުވެރިކޮށް ހިއްސާ ކުރުމަށް އަދި ޝަކުވާ ހުށައެޅުމަށް ކަނޑައަޅައިފައިވާ ހޮޓްލައިން ނަންބަރަކީ 7590059 އެވެ.