ބްލޮކް ގްރާންޓް ދޫކުރާ ފޯމިއުލާ ބަދަލު ކުރަންޖެހޭ - މޭޔަރު އިސްމާއިލް ރަފީޤް

 ބްލޮކް ގްރާންޓް ދޫކުރާ ފޯމިއުލާ ބަދަލު ކުރަންޖެހޭ - މޭޔަރު އިސްމާއިލް ރަފީޤް
13 ސެޕްޓެމްބަރ 2022

އެންމެ ހަރުދަނާކޮށް ކައުންސިލްތައް ހިންގުމަށްޓަކައި، ކައުންސިލްތަކަކީ މިހާރަށް ވުރެ ފުދުންތެރި ކައުންސިލްތަކަކަށް ހެދުމަށް ސަރުކާން ބްލޮކް ގްރާންޓް ދޫކުރުމަށް މިހާރު ހަމަޖެހިފައި އޮންނަ ބްލޮކް ގްރާންޓް ދޫކުރާ ފޯމިއުލާއަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީޤް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ލ. ގަމުގައި 2022މ ސެޕްޓެމްބަރ 10 އިން 12އަށް ކުރިޔަށްގެންދިޔަ ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކައުންސިލްތައް ލާމަރުކަޒު ކުރުމުގެ ގޮތުން ދެމުން އަންނަ ބްލޮކް ގްރާންޓުގެ ސަބަބުން ލުއިތައް ލިބިގެންދިޔަ ނަމަވެސް ގްރާންޓުގެ ގޮތުގައި ލިބެނީ އެންމެ އިންސާފުވެރި އަދަދު ކަމަށް ގަބޫލު ނުކުރެއްވޭކަން ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާއިލް ރަފީޤް ފާހަގަ ކުރައްވައެވެ.

ވިޔަވަތި ރާއްޖެ ކޮންފަރެންސްއަށް ތައްޔާރުވުމުގެ ގޮތުން، ކުރިޔަށް ގެންދިޔަ ފަނޯއްލަ ދަރުބާރުގައި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ކައުންސިލަރުން މަޝްވަރާކުރެއްވި ކަންކަމުގެ މައްޗަށް އެކުލަވާލި ޕްރެޒެންޓޭޝަންގައި ކައުންސިލްތަކަށް ހުރި މާލީ ދަތިތަކާއި، އެކަންކަން ޙައްލުކުރުމަށް ބޭނުންވާގޮތްތައް ހިމަނާފައިވެއެވެ.


ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި، ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި، ބަޖެޓު ތަންފީޒު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދިނުމުގައި މިހާރު ބަލަނީ 5 ކަމަކަށެވެ. އެއީ ރަށު ކައުންސިލްތައް ނަމަ، ރަށުގެ އާބާދީ އާއި އަތޮޅު ކައުންސިލްތައް ނަމަ އެ އަތޮޅެއްގެ އާބާދީއަށާއި ބިމުގެ ސަރަހައްދަށާއި އަތޮޅުގެ ވެރިކަން ކުރާ ރަށާ ހުރި ދުރުމިނަށާއި މާލެއާ ހުރި ދުރުމިނުގެ އިތުރުން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވަޒަންކޮށް ކައުންސިލްތަކުގެ ޕަފޯމަންސައް ދޭ ސްކޯއަށް ބަލައިގެންނެވެ. މިހާރު ސަރުކާރުން ކައުންސިލްތަކަށް ދޫކުރަނީ، ދައުލަތަށް ލިބޭ އާމްދަނީގެ %5 ބްލޮކް ގްރާންޓާއި، އަތޮޅުތަކުގެ ރަށްރަށާއި، ފަޅުން ލިބޭ އާމްދަނީގެ ކުލީގެ %40 ކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ކުންފުނިތައް އުފައްދައިގެން ވިޔަފާރިކުރެވޭނެ މަގުތައް ލާމަރުކަޒީ ޤާނޫނުގައި ހިމެނިފައިވެއެވެ.

މި ފަހަރުގެ ކޮންފަރެންސް ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ކަމަށްވާ ދ، ތ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މޭޔަރުނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުންނެވެ.

"ވިއަވަތި ރާއްޖެ" ކޮންފަރެންސްއަކީ ލަމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށާއި ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލުހޯދުމުގެ ގޮތުން ކައުންސިލަރުންނަށް ރައީސުލްޖުމްހޫރިއްޔާއާއި ކަމާބެހޭ ވަޒީރުންނާއި އަދިގުޅުންހުރި މުވައްސަސާތަކުގެ ވެރިންނާއި މަޝްވަރާކުރައްވައި ޙައްލު ހޯއްދެވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކައުންސިލްތަކާއެކު ސީދާ ރައީސްގެ އިސްނެންގެވުމުގެމަތީން ކުރިއަށް ގެންދާ ކޮންފަރެންސްއެކެވެ.

ވިއަވަތި މި ބަހުން ރަމްޒުކޮށްދެނީ ފަހިވުން، ތިޔާގިވުން، ހަމަޖެހުން، އުފާވެރިކަން އަދި ހާސްކަމެއް ނެތުމެވެ.

ފޮޓޯ ގެލަރީ