ފާއިތުވި 1 މަސް ދުވަހުގެ ތެރޭގައި ފުވައްމުލައް ސިޓީގައި އާދަޔާޚިލާފަށް ފުވައްމުލައް ސިޓީގައި ހިނގާފައިވާ މަގުމަތީގެ އެކްސިޑެންޓުތަކުގެ އަދަދު ނިސްބަތުން ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެ އެކްސިޑެންޓުގައި އަނިޔާވި ފަރާތްތަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީވެ އެކަމާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުގެ ހުރި ކަންބޮޑުވުންތައް ކަމާއިބެހޭ އިދާރާތަކާއި ހިއްސާކުރުމަށްޓަކައި މިއަދު މަޝްވަރާ ބައްދަވުމެއް ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން މިއަދުގެ ބައްދަލުވުމުގައި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ފުވައްމުލައް ޕޮލިސް ސްޓޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ފުވައްމުލައް އޮފީސް، ފުވައްމުލައް ހޮސްޕިޓަލް، ފުވައްމުލަކުގެ ބައެއް ސްކޫލްތަކުން ވަނީ ބައިވެރިވެފައެވެ.
މިއަދުގެ ބައްދަލުވުމުގައި މިފަހަކަށް އައިސް ހިނގައިފައިވާ މިވާ އެކްސިޑެންޓުތައް ހިނގަން މެދުވެރިވެފައިވާ ސަބަބުތަކާއި، އެކަންތައް ހައްލު ކުރުމަށްޓަކައި ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުންވަނީ މަޝްވަރާކުރެވިފައެވެ. އަދި ބައްދަލުވުމުގައި ބައިވެރިވި އިދާރާތަކުން އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި އެފަރާތްތަކަށް ވެދެއްވެން އޮތް އެހީތެރިކަން ފާހަގަކޮށް އެއިދާރާތަކުންވަނީ މިކަމުގައި ފުވައްމުލައް ސިޓީ ކައުންސިލަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. މީގެ އިތުރުން މިއަދުގެ ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ އެކްސިޑެންޓުތައް މަދުކޮށް ފުވައްމުލައް ސިޓީގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށްޓަކައި ވަގުތުން އެޅެންހުރި ފިޔަވަޅުތައް އެޅުމަށްވެސް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
ފުވައްމުލައް ސިޓީގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި މަގުމަތީގައި އެއްގަމު އުޅަނދުތައް ދުއްވާ އުޅޭ ފަރާތްތަކާއި މަގުމަތި ބޭނުންކުރައްވާ އެންމެހައި ފަރާތްތަކުންވެސް މަގުމަތީގެ ޤާނޫނާއި ގަވާއިދުތަކަށް ބޯލަނބައި ތިމާއާއި އަނެކާގެ ރައްކާތެރިކަމަށް ވިސްނާ ބަޔަކަށްވުމަކީ މިކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.