ގަހަނާ ހެދުމަށާއި ޑިޒައިން ކުރަން ދަސްކޮށްދޭ ކޯސް އަންނަ އާދީއްތަ ދުވަހު ފެށެނީ

 ގަހަނާ ހެދުމަށާއި ޑިޒައިން ކުރަން ދަސްކޮށްދޭ ކޯސް އަންނަ އާދީއްތަ ދުވަހު ފެށެނީ
6 އެޕްރީލް 2023

މިނިސްޓްރީ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ފުވައްމުލަކުގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޖުވެލަރީ ޑިޒައިނިންގ އެންޑް މެނުފެކްޗަރިންގް ކޯސް އަންނަ އާދީއްތަ ދުވަހު ފެށޭނެއެވެ.

މި ކޯހުގެ މަގްސަދަކީ ފުވައްމުލަކުގައި ގަހަނާ ހަދަން ދަސްކޮށްދިނުމާއި ޑިޒައިން ކުރުމުގެ ހުނަރު ދަސްކޮށްދިނުމާއި މިފަދަ މަސައްކަތްކުރާ ފަރާތްތަކަށް ފަހިފުރުސަތުތައް ހޯދައިދިނުމެވެ. މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން އެޕްރޫވް ކުރެވި ލެވެލް 3 ގެ ސެޓްފިކެޓެއް ދެވޭނެއެވެ. 4 މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވޭ މި ކޯހަކީ ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނުނަގައި މުޅިން ހިލޭ ހިންގޭ ކޯހެކެވެ.

އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުވުމުން މިކޯހުގައި ބައިވެރިވުމަށް ޖުމުލަ 34 ފަރާތަކުންވަނީ ރަގިސްޓްރީކޮށްފައެވެ. މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އިން ކިޔަވައިދޭ މިކޯހުގެ 'ތިއަރީ' ބައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ކޯހުގެ އަމަލީ މަސައްކަތް ކުރުމަށް ބޭނުންވާ ތަކެތި ބައިވެރިންނަށް ފޯރުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.