ފުވައްމުލަކު ސިޓީ ކައުންސިލް މައިކްރޯ ފައިނޭންސް ސްކީމް އިފްތިތާހްކޮށްފި

ފުވައްމުލަކު ސިޓީ ކައުންސިލް މައިކްރޯ ފައިނޭންސް ސްކީމް އިފްތިތާހްކޮށްފި
24 ޖުލައި 2023

ފުވައްމުލައް ސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށާއި، ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް ފުވައްމުލަކު ސިޓީ ކައުންސިލުން ދޫކުރުމަށް ނިންމައިފައިވާ މައިކްރޯފައިނޭންސް ސްކީމް މިއަދު އިފްތިތާޙްކޮށްފިއެވެ.

މިއަދު ފުވައްމުލަކު ސިޓީ ކައުންސިލުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ސްކީމް އިފްތިތާޙް ކޮށްދެއްވައިފައިވަނީ މިސިޓީގެ މޭޔަރ އިސްމާއިލް ރަފީޤެވެ. މި ލޯން ސްކީމްގެ މަގުސަދަކީ މިސިޓީގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާ ކުރުމަށާއި، ފުވައްމުލަކުގައި ކުދި ވިޔަފާރި ފަށަން ބޭނުންވެފައި ތިބި ފަރާތްތަކަށް އެފުރުސަތު ފަހިކޮށް ދިނުމާއި މިސިޓީގެ ރައްޔިތުންގެ މާލިއްޔަތު އިތުރުކުރުމާއި ފަރުދުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމެވެ.

އެގޮތުން މިފައިސާގެ ލޯނު ޖުމުލަ 14 ދާއިރާއަކުން ދިނުމަށް ފުވައްމުލައް ސިޓީ ކައުންސިލުންވަނީ ނިންމައިފައެވެ. އެއީ އަތްތެރި މަސައްކަތް، ބިއުޓީ އަދި މޭކްއަޕް ކުރުން، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ، ފެހުން އަދި ޓެކްސްޓައިލްސްގެ މަސައްކަތް، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ، ކްރިއޭޓިވް އާޓްސް އަދި މިއުޒިކް، ކުޅިވަރު އަދި ފިޓްނަސް، މަސްވެރިކަން، އިލެކްޓްރިކަލް ވަޔަރިންގް އަދި މެއިންޓެނަންސް، މެނުފެކްޗަރިން، ދަނޑުވެރިކަން، ވެލްޑިންގް އަދި ކާޕެންޓްރީގެ މަސައްކަތް، ފަތުރުވެރިކަން އަދި އަމިއްލަ އުފެއްދުންތަކަށެވެ.

އަލަށް ފަށާ ވިޔަފާރިތަކަށާއި ވިޔަފާރިފުޅާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެހީގެ ގޮތުގައި މިލޯނުގެ ދަށުން ގިނަވެގެން ފަންސާސް ހާސް ރުފިޔާ ދެވިގެންދާއިރު ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ދެވިގެންދާނެއެވެ.

މިލޯނަށް އެދި ހުށައަޅަންޖެހޭ ފޯމާއި، ލޯނާއި ގުޅޭ އިތުރު މައުލޫމާތު ކައުންސިލުގެ ވެބްސައިޓްއިން އަދި ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.