ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކުރައްވައިފި
20 ފެބްރުއަރީ 2024

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީ ކައުންސިލާއި މިސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި މިސިޓީގެ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލުގެ އިސްވެރިންގެ އިތުރުން، މި ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ އިތުރުން ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި އިސްވެރިންވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެގޮތުން ކުރިއަށް ގެންދެވުނު މިބައްދަލުކުރެއްވުމުގައި މިކައުންސިލުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި އިއްޔެ އިފްތިތާހްކުރެވުނު މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މެދުނުކެނޑި ކުރިއަށްގެންދިއުމާއި ދެންހުރި މަގުތައްވެސް ހެދުމަށް ކައުންސިލާއި ރައްޔިތުން ބޭނުންވާކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިދިޔަ ސަރުކާރުން ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިއުމަށް ނިންމަވައިފައިވާ 400 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފެށިގެން ދިއުމަށް އެދޭކަން ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމާއި، އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކުރުމާއި، މަސް ރައްކާކުރާ ނިޒާމުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމާއި، އައު ހޮސްޕިޓަލެއް އެޅުމާއި، މިހާރު ހުރި ހޮސްޕިޓަލުގައި ނުފެށި ހުރި މަތީ ފެންވަރުގެ ޚިދުމަތްތައް ފެށިގެންދިއުމަށް އެދުން ހިމެނެއެވެ. މި ބައްދަލުކުރެއްވުމުގައި އ.ތ.މ. ކޮމިޓީގެ ފަރާތުންވެސްވަނީ އެކޮމިޓީގެ މެންބަރުންނަށް ފާހަގަކުރެވޭ މުހިންމު ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާ ކުރައްވާފައެވެ.