ހިލަ ބާޖެއް އަރިއަޅައިގެން ފުވައްމުލަކުގެ ފަރުމައްޗަށް ހިލަ ފޭބުމާ ގުޅޭ

ހިލަ ބާޖެއް އަރިއަޅައިގެން ފުވައްމުލަކުގެ ފަރުމައްޗަށް ހިލަ ފޭބުމާ ގުޅޭ
11 ޖުލައި 2023

ނޫސް ބަޔާން

ހިލަ ބާޖެއް އަރިއަޅައިގެން ފުވައްމުލަކުގެ ފަރުމައްޗަށް ހިލަ ފޭބުމާ ގުޅޭ

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ މަސައްކަތަށް ގެނައި ހިލަ ބާޖެއް،07 ޖުލައި 2023 ވަނަ ދުވަހު، އަރިއަޅައިގެން ފަރުމައްޗަށް ހިލަ ފޭބުމާއި ގުޅިގެން ފުވައްމުލަކުގެ ނާޒުކު ފަރަށް ލިބިފައިވަނީ އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކަކަށް ވާތީ، މިކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ނުހަނު ކަންބޮޑުވެއެވެ. އަދި މިދެންނެވި ބާޖު އަރިއަޅައިގެން ފަރުމައްޗަށް ހިލަ ފޭބުމާއި ގުޅިގެން ފުވައްމުލަކު ރައްޔިތުންގެ ކަންބޮޑުވުމާއި ޝަކުވާ މިއިދާރައަށް ތަފާތު އެކިގޮތްގޮތަށް ދަނީ ލިބެމުންނެވެ.

ފުވައްމުލަކަކީ ތިމާވެށީގެ ގޮތުން ބަލާއިރު ވަރަށް ނާޒުކު ފަރެއް އޮންނަ ރަށެކެވެ. އަދި މިރަށުގައި ކުރިއަރަމުން އަންނަ ފީނުމާއި ފަތުރުވެރިކަން މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ފުވައްމުލަކުގެ ފަރާއި ކަނޑުގެ ދިރުންތައް ހިމެނޭ ގޮތަށް ފުވައްމުލަކުގެ ތިމާވެށީގެ ރީތިކަމުގެ މައްޗަށެވެ. މީގެ އިތުރުން ފުވައްމުލައް ކައިރިން މަސްވެރިކަން ކުރުމަށް ފުވައްމުލަކުގެ ފަރަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ވަޞީލަތެކެވެ. މިހެންކަމުން، ބާޖު އަރިއަޅައިގެން ފަރުމައްޗަށް ހިލަ ފޭބުމާ ގުޅިގެން ފުވައްމުލަކުގެ ފަރަށް ލިބޭ ގެއްލުމަކީ ފުވައްމުލަކުގެ ތިމާވެށްޓަށާއި، ފީނުމާއި، ފަތުރުވެރިކަން އަދި މަސްވެރިކަމަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެކަމަކަށް ވީހިނދު، ޕްރޮޖެކްޓްތައް ކުރިއަށްގެންދާ ފަރާތްތަކާއި މިފަދަ މަސައްކަތްތައް ފުވައްމުލަކުގައި ކުރާ ފަރާތްތަކުން މި ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން އިލްތިމާސްކުރަމެވެ.

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ ކޮންޓްރެކްޓަރާއި މުޢާމަލާތުކޮށްގެން، މިހާދިސާ ހިނގާފައިވާ ގޮތުގެ މަޢުލޫމާތު ހޯދުމަށް ފުވައްމުލަކު ސިޓީކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ. އަދި މީގެ އިތުރުން، މިހާދިސާ އާއި ގުޅިގެން ފުވައްމުލަކުގެ ފަރަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އަދި މިކަމާއި ގުޅުންހުރި އެހެނިހެން ފަރާތްތަކާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން މިމައްސަލަ ވަރަށް ގާތުން ބަލަމުންދާ ވާހަކަ އެންމެހާ ބޭފުޅުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.