ޑައިވް އެކްސްޕޯގައި ފުވައްމުލައް ކައުންސިލުން ކުރިއަށް ގެންދިޔަ ގުރުއަތުގެ ނަސީބުވެރިޔާ ހޮވައިފި

ޑައިވް އެކްސްޕޯގައި ފުވައްމުލައް ކައުންސިލުން ކުރިއަށް ގެންދިޔަ ގުރުއަތުގެ ނަސީބުވެރިޔާ ހޮވައިފި
21 މެއި 2023

ތައިލެންޑުގެ ބެންކޮކުގައި ކުރިއަށް ގެންދިޔަ ތައިލެންޑް ޑައިވް އެކްސްޕޯ 2023ގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ސްޓޯލަށް ޒިޔާރަތްކުރި މީހުންގެ މެދުގައި ބޭއްވުނު ގުރުއަތުގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
މިމަހުގެ 18 އިން 21 އަށް ކުރިއަށް ގެންދިޔަ މި އެކްސްޕޯގައި ބޭއްވުނު ގުރުއަތުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ތައިލެންޑުގެ ރައްޔިތެއް ކަމުގައިވާ ބެއިޓޯއެވެ. ބެއިޓޯ އަށް އިނާމެއްގެ ގޮތުގައި ލިބިފައިވަނީ ދަތުރުފަތުރާއި އެކު ފުވައްމުލަކުގައި 2 މީހަކަށް 5 ދުވަހުގެ ހުރުމެވެ. އެގޮތުން މި ޕެކޭޖުގައި ހޮޓަލާއި ކެއުމުގެ އިތުރުން ކޮންމެ ފަރާތަކަށް 10 ޑައިވް ކުރުމުގެ ފުރުސަތުވެސްވަނީ ދީފައެވެ.
ތައިލެންޑް ޑައިވް އެކްސްޕޯ 2023ގައި ފުވައްމުލައް ސިޓީ ކައުންސިލާއި އެކު މިރަށުގައި ހިންގޭ ބައެއް ޑައިވް ސެންޓަރުތަކުން ވަނީ ބައިވެރިވެފައެވެ. އަދި އެކްސްޕޯގައި ފުވައްލުމައް ސިޓީގެ ފަތުރުވެރިކަމާއި ގުޅޭގިނަ މައުލޫމާތުތަކެއްގެ އިތުރުން މިރަށުގެ ފަތުރުވެރިކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް www.visitfuvahmulah.mv ވަނީ އިފްތިތާހްކޮށްފައެވެ.

ގުރުއަތުން ހޮވުނު ފަރާތުގެ ދަތުރުފަތުރުގެ ކަންތައް ސްޕޮންސަރކޮށްފައިވަނީ ފުވައްމުލައް ސިޓީ ކައުންސިލުންނެވެ. އަދި އެ ފަރާތުގެ ހުރުން ފުވައްމުލަކުގެ ގެސްޓު ހައުސްއެއް ކަމުގައިވާ އަޓަރެކްސިސް އިން ސްޕޮންސަރކޮށްފައިވާއިރު ޑައިވިންގް ސްޕޮންސަރކޮށްފައިވަނީ ފުވައްމުލަކުގެ ޕެލާޖިކް ޑައިވަރސްގެ ފަރާތުންނެވެ.

ފޮޓޯ ގެލަރީ