ރަށި ބާޒާރޮ 2023 އަށް ޒިޔާރަތް ކުރި މީހުންގެ މެދުގައި ނެގޭ ގުރުއަތު ނެގުން މިރޭ އޮންނާނެ

ރަށި ބާޒާރޮ 2023 އަށް ޒިޔާރަތް ކުރި މީހުންގެ މެދުގައި ނެގޭ ގުރުއަތު ނެގުން މިރޭ އޮންނާނެ
11 ފެބްރުއަރީ 2023

ރަށި ބާޒާރޮ 2023 އަށް ޒިޔާރަތްކުރި މީހުންގެ މެދުގައި ނެގުމަށްހަމަޖެހިފައިވާ ގުރުއަތު ނެގުން މިރޭ ކުރިއަށް ދާނެ އެވެ. ރަށި ބާޒާރޮ 2023 ނިންމާލުމުގެ ރަސްމިއްޔާތާއި އެއްކޮށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ގުރުއަތު ނެގުން ކުރިއަށްދާނީ ބާޒާރުވެސް ކުރިއަށް ގެންގޮސްފައިވާ ފުވައްމުލައް ސިޓީ އިޖުތިމާއީ މަރުކަޒުގައެވެ.

މިރޭ 20:45 ގައި ފެއްޓުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުބޮޑު އިނާމުތަކެއް ދޫކޮށްލުމަށްވަނީ ހަމަޖެހިފައެވެ އެގޮތުން ޑައިނިންގް ސެޓްއަކާއި، މޯބައިލް ފޯނު، ފުވައްމުލަކުގައި ހިންގޭ ގެސްޓު ހައުސްއެއްގައި ދެ ބޭފުޅަކަށް 1 ރޭގެ ހުރުމުގެ އިތުރުން އެކި ކަހަލަ ގިފްޓް ހެމްޕަރސް ތަކާއި އެހެނިހެން އަގުހުރި މުދާ ހިމެނެއެވެ.

ފުވައްމުލައް ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ބާޒާރު ކުރިއަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ 3،5،6،7 އަދި 8 ވަނަ ދުވަހުގެ ރެޔެވެ. ބާޒާރަށް ލިބުނު ތަރުހީބުގެ ބޮޑުކަމުން ބާޒާރަށް 1 ރޭ އިތުރުކޮށް 9 ވަނަ ދުވަހުގެ ރޭ ހުޅުވުމަށް ނިންމި ކަމުގައިވިއަސް ވިއްސާރަވުމުގެ ސަބަބުން އެރޭ ބާޒާރު ވަނީ ކުރިއަށް ނުގެންދެވިފައެވެ.

މި ބާޒާރުގައި ފުވައްމުލަކުގައި ހިންގޭ 51 ވިޔަފާރިއަކުން ބައިވެރިވިއިރު ބާޒާރު ކުރިއަށް ގެންގޮސްފައިވަނީ ވިޔަފާރިތައް 3 ކެޓަގަރީ އަކަށް ބަހާލެވިގެންނެވެ. އެގޮތުން ރަޖިސްޓްރީކޮށްގެން ހިންގޭ 28 ވިޔަފާރިއެއް ބައިވެރިވިއިރު އޮންލައިން ވިޔަފާރިކުރާ 12 ފަރާތެއްގެ އިތުރުން ގޭގައި ތައްޔާރުކުރާ އުފެއްދުންތައް ވިއްކި 12 ފަރާތަކުން ވަނީ މި ބާޒާރުގައި ބައިވެރިވެފައެވެ.

ބާޒާރުގައި ކޮންމެ ރެޔަކުވަނީ އެރެއެއްގައި ބާޒާރަށް ޒިޔާރަތްކުރި ފަރާތްތަކުގެ މެދުގައި ތަފާތު ގުރުއަތުތަކެއްނަގާ ހަދިޔާ ދީފައެވެ. މި ބާޒާރުގައި ބަދިގޭ ސާމާނާއި، ގޭތެރެ ޒީނަތް ކުރުމަށް ބޭނުން ކުރެވޭނެ ތަކެތީގެ އިތުރުން އަންނައުނާއި ގަހަނާ އަދި ޒީނަތްތެރިވުމަށް ބޭނުންކުރެވޭ ތަކެތި ލިބޭނެ ފަދަ ސްޓޯލްތައް ހުއްޓެވެ. އަދި ހާޑްވެއަރ ސާމާނާއި ކައްކާ ކެއުން ބުއިމަށް ބޭނުންކުރެވޭނެ ފަދަ ތަކެތިވެސް ލިބެން ހުރެއެވެ. މީގެ އިތުރުން ފުވައްމުލަކުގައި ތައްޔާރުކުރެވިފައިވާ އެކި ކަހަލަ ކާބޯތަކެތި ވިއްކާ ސްޓޯލްތަކާއި ކެންޓީނުގެ ހިދުމަތްވެސް ބާޒާރުން ލިބެން ހުއްޓެވެ.