ޤައުމު އެދޭފަދަ ޖީލެއް ބިނާކުރުމަށްޓަކައި އެންމެ މުހިންމު ބަޔަކީ މުދައްރިސުން - މޭޔަރު

ޤައުމު އެދޭފަދަ ޖީލެއް ބިނާކުރުމަށްޓަކައި  އެންމެ މުހިންމު ބަޔަކީ މުދައްރިސުން - މޭޔަރު
5 އޮކްޓޯބަރ 2022

ޤައުމު އެދޭފަދަ ޖީލެއް ބިނާކުރުމަށްޓަކައި ވަރުބަލިކަމެއްނެތި، ރެޔާއި ދުވާލު މަސައްކަތް ކުރާ އެންމެ މުހިންމު ބަޔަކީ މުދައްރިސުންކަމުގައި މޭޔަރު އިސްމާއިލް ރަފީޤް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަސް ފުވައްމުލައް ސިޓީގައި ފާހަގަ ކުރުމުގެ ގޮތުން ސިޓީ ކައުންސިލްގެ ފަރާތުން މި ސިޓީގެ ސްކޫލްތަކުގައި ބޭއްވި ކޭކު ފެޅުމުގެ ހަރާކާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ. އަދި އެ މަނިކުފާނުގެ ވާހަކަފުޅުގައި މުދައްރިސުންނާއި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުން ކުރައްވާ އަގުހުރި މަސައްކަތުގެ އަގުވަޒަންކޮށް، ވަރަށް ޚާއްޞަ ޝުކުރެއް ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ އެންމެހައި މުވައްޒަފުންނަށް އަދާކުރެއްވިއެވެ. މި ހަރާކާތުގައި ކައުންސިލަރުންނާއި ކައުންސިލުގެ އިސް މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ.

މިދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިތާބުގައި ޤައުމަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ފެންވަރު ރަނގަޅު ޓީޗަރުން އުފެއްދުންކަން ފާހަގަ ކުރައްވައި، ކިޔަވައިދިނުމަކީ ހަމައެކަނި ވަޒީފާއެއް އަދާކުރުން ނޫންކަން ހަނދާންކުރަން ޖެހޭނެ ކަމަށް ވިދާޅުވެ، ކޮންމެ ޓީޗަރަކު ވެސް އެ ކުރަނީ އަގު ވަޒަންކުރެވޭ ވަރަށްވުރެ، މާތް އަދި ވަރަށް މަތިވެރި ޤައުމީ ވާޖިބެއްކަމަށް ވިދާޅުވެ ހިތްވަރު ދެއްވިއެވެ.

ޓީޗަރުންގެ ދުވަހަށް ޔުނެސްކޯއިން މި އަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ "ތައުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުދައްރިސުންނާ ހަމައިން" މި އެވެ.

ފޮޓޯ ގެލަރީ