ހަވާ އެރުވުމުގެ އިތުރުން ކުލަގަދަ ހަރަކާތްތަކާއި އެކު އެތުލެޓިކްސް މީޓް ނިންމާލައިފި

 ހަވާ އެރުވުމުގެ އިތުރުން ކުލަގަދަ ހަރަކާތްތަކާއި އެކު އެތުލެޓިކްސް މީޓް ނިންމާލައިފި
13 ފެބްރުއަރީ 2023

ފުވައްމުލައް ސިޓީގައި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހުން ފެށިގެން 10 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް 2023 ކުލަ ގަދަ ހަރަކާތްކާއި ހަވާ އެރުވުމާއެކު ނިންމާލައިފިއެވެ.

ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުވައްމުލައް ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ވަނީ 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން 3ވަނަ، ރަނަރަޕް ޓީމް އަދި ޗެމްޕިއަން ޓީމް ހޮވައިފައެވެ. މީގެ އިތުރުން 15 އަހަރުން ދަށާއި، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ކޮންމެ އުމުރު ފުރައަކުން އަންހެން އަދި ފިރިހެން އެންމެ މޮޅު އެތުލީޓުގެ އިތުރުން ޗެމްޕިއަން ޓީމު ހޮވައިފައެވެ.

ކުލަގަދަ ހަރަކާތްތަކާއި އެއްކޮށް ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައިފައިވަނީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފުއެވެ. އެގޮތުން ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޭޔަރ މުހައްމަދު އާތިފު ވަނީ ކާމިޔާބު ހޯދި އެތުލީޓުންނަށް މަރުހަބާ ދަންނަވާ ބޭނުންވި ކާމިޔާބީއާއި ހަމައަށް ވާސިލުނުވި އެތުލީޓުން ހިތްވަރު އެލުވާނުލާ ގަދައަޅާ މަސައްކަތް ކުރުމަށް އިލްތިމާސް ކޮށްފައެވެ. މީގެ އިތުރުން ކުޅިވަރާއި އަމިއްލަ ދިރިއުޅުމުގައިވެސް ކާމިޔާބީ ހޯދުމަށް މުހިންމު 5 ކަމަކަށް މޭޔަރ ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން މީހާގެ އަހުލާގު ވަކި ގޮތަކަށް ބެހެއްޓުމާއި، ކުރާ ކަމެއް ފަރުވާތެރިކަމާއި އެކު ކުރާ ހިތުން ކުރުމުގެ އިތުރުން ހަށިގަނޑު ދުޅަހެޔޮ ހަށިގަނޑެއްގެ ގޮތުގައި ބެހެއްޓުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން މޭޔަރ ވަނީ ވާހަކަ ދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ކައުންސިލުގެ ކައުންސިލް އެގްޒެކެޓިވް އަލީ މަސީހް ވާހަކަ ދައްކަވަމުން ވަނީ މުބާރާތް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގައި އެކި ފަރާތްތަކުން ވެދިން އެހީތެރިކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އެތުލެޓިކްސް އެސޯސިއޭޝަންއާއި، ފުވައްމުލައް ސިޓީގެ އެކި އެކި ވުޒާރާތަކާއި ސްކޫލްތަކުގެ އިތުރުން ޖުމްލަކޮށް މުޅި ފުވައްމުލަކުގެ ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ފޯރި އާއި ޖޯޝު މަސީހް ވަނީ ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވާހަކަ ދައްކަވަމުން ވަނީ ފުވައްމުލަކަކީ އެތުލެޓިކްސްގެ ދާއިރާއިން މުޅި ރާއްޖެއަށް ނަމޫނާ ރަށެއް ކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން ފުވައްމުލަކުގެ އެތަކެއް އެތުލީޓިންނެއް ފާއިތުވެދިޔަ ތަނުގައި އެތުލެޓިކްސްގެ އެކި ހަރަކާތްތަކުގައި ދިވެހިރާއްޖެ ތަމުސީލުކޮށް ރަން ވަނަތައް ހާސިލުކޮށްފައިވާކަން ތޮލާލްވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިފަހަރު ބޭއްވިގެން މިދިޔަ އެތުލެޓިކްސް މުބާރާތަކީ މިހާތަނަށް ބޭއްވުނު އެންމެ އިންތިޒާމުތައް ރަނގަޅު، ފެންވަރު ރަނގަޅު މުބާރާތްކަން ފާހަގަ ކުރައްވާ ފުވައްމުލައް ސިޓީ ކައުންސިލާއި ފުވައްމުލަކުގެ ރައްޔިތުންނަށް ތޮލާލް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ހަރަކާތްތައް ހުށައަޅައިދިން ފަރާތްތަކުގެ ތެރޭގައި ފުވައްމުލަކު ސްކޫލާއި ހާފިޒު އަހުމަދު ސްކޫލުގެ ދަރިވަރުންގެ އިތުރުން މޯލްޑިވްސްޓެކްވޯންޑޯއިން ހުށައަޅައިދިން މާޝަލް އާޓުގެ ހަރަކާތް ހިމެނެއެވެ. މީގެ އިތުރުންހަވާ އެރުވުމުގެ އިތުރުން ތުރުކީގެ 'ޓާރކިޝް ގޮޓް ޓެލެންޓް' ގެ ފައިނަލުގައި ވާދަކުރި ފަޔަރ ސްޓޯމް އިން ހުށައަޅައިދިން އަލިފާނުގެ ހަރަކާތްތަކާއި ހަވާ އެރުވުމުގެ ހަރަކާތަކީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ހަރަކާތްތަކެކެވެ.

މުބާރާތުގައި އޮފިޝަލުކަން ކޮށް ދެއްވި ފަރާތްތައް އަދި ފަސްޓް އެއިޑަރުންގެ ގޮތުގައި މަސައްކަތް ކުރި ރެޑް ކްރެސެންޓުގެ ދަރުމަވެރިންނަށް އެކަމުގެ އަގު ވަޒަންކޮށް ހަނދާނީ ލިޔުން ހަވާލުކުރެވުނު މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ އިއްޒަތްތެރިން ވަނީ ބައިވެރިވެފައެވެ. އެގޮތުން ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އާއި، ހައްދުންމަތި އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީގެ އިތުރުން ޔޫތު މިނިސްްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ފުއާދު އާއި، އެތުލެޓިކްސް އެސޯސިއޭޝަންސް އޮފް މޯލްޑިވްސްގެ އިސްވެރިންގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުގެ އިސްވެރިންނާއި އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުން ހިމެނެއެވެ.

ފޮޓޯ ގެލަރީ