ޗައިނާ ސަފީރު ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި

ޗައިނާ ސަފީރު ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލު ކުރައްވައިފި
18 ޖޫން 2023

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަން ލީޝިން ފުވައްމުލައް ސިޓީ ކައުންސިލާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި އެކި ދާއިރާތަކުން ޗައިނާގައި ދިވެހިންނަށް ހުރި ފުރުސަތުތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. ހާއްސަ ގޮތެއްގައި ވިޔަފާރީގެ ދާއިރާއިން ޗައިނާގައި ދިވެހިންނަށް އޮތް ފުރުސަތުތަކާއި ބެހޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލަށް ޗައިނާ ސަފީރު ވަނީ މައުލޫމާތު އަރުވާފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގެ މަގުސަދުތަކުގެ ތެރޭގައި ޗައިނާ ސަރުކާރުން ރާއްޖޭގެ ސިޓީތަކާއި ގުޅުން ބަދަހި ކުރުންވެސް ހިމެނެއެވެ. އެގޮތުން މި ބައްދަލުވުމަށްފަހު ފުވައްމުލައް ސިޓީގެ އެކި ސަރަހައްދުތަކަށް ޗައިނާ ސަފީރު ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި މި ކައުންސިލުގެ ފަރާތުން އެ ތަންތަނާއި ބެހޭ މައުލޫމާތު ޗައިނާ ސަފީރަށް އަރުވައިފައިވާއިރު ޗައިނާ ސަފީރު ވަނީ ފުވައްމުލަކުގައި މިހާރު ހިނގަމުން އަންނަ ބައެއް މަޝްރޫއުތަކުގެ އަދާހަމަ ބައްލަވާލެއްވުމަށްވެސް ޒިޔާރަތްކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޗައިނާ ސަފީރުގެ އިތުރުން އެމްބަސީގެ ބޭފުޅުންނާއި ފުވައްމުލައް ސިޓީގެ މޭޔަރ، ކައުންސިލަރުން އަދި ކައުންސިލުގެ އިސްވެރިން ވަނީ ބައިވެރިވެޑައިގެންފައެވެ.