ފުވައްމުލައް ސިޓީ ބެޑްމިންޓަން ހޯލް ރަސްމީކޮށް ހުޅުވައިފި

ފުވައްމުލައް ސިޓީ ބެޑްމިންޓަން ހޯލް ރަސްމީކޮށް ހުޅުވައިފި
9 މެއި 2023

ފުވައްމުލައް ސިޓީ ބެޑްމިންޓަން ހޯލް ރަސްމީކޮށް ރޭ ހުޅުވައިފިއެވެ. ބެޑްމިންޓަން ހޯލް ހުޅުވުމުގެ މުނާސަބަތުގައި ރޭ އެތަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ފުވައްމުލައް ސިޓީ ބެޑްމިންޓަން ހޯލް ރަސްމީކޮށް ހުޅުއްވައި ދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގްއެވެ.

މީގެ ކުރިންވެސް މިސިޓީގެ ބެޑްމިންޓަން ކުޅެ އުޅޭ ކުޅުންތެރިން ކުޅުމަށް ބޭނުން ކުރަމުން އައި މި ހޯލް ރަސްމީކޮށް ހުޅުވައިފައިވަނީ ތަނުގެ ފެންވަރާއި ވަސީލަތްތައް އިތުރަށް ތަރައްގީކޮށްފައެވެ. އެގޮތުން ކޯޓުގެ ތަޅުންގަނޑުގައި ބެޑްމިންޓަން އިންޑޯ ކޯޓުތަކުގައި ބޭނުންކޮށް އުޅޭ 'މެޓް' އެޅުމުގެ އިތުރުން ކުޅި ބަލަން ތިބޭ ފަރާތްތަކަށް ހާއްސަކޮށްގެން ކޯޓުގެ އެތެރޭގައިވަނީ ސިޑިބަރި ބެހެއްޓިފައެވެ. މި ހޯލަކީ އެއްފަހަރާ 3 ކޯޓެއްގައި ކުޅެވޭނެ ފަދައިން ޑިޒައިންކޮށް ތަރައްގީކުރެވިފައިވާ ކޯޓެކެވެ.

ދުޅަހެޔޮ، ހަށިހެޔޮ މުގުތަމައުއެއް ބިނާކުރުމުގެ ގޮތުން މިހާރުގެ ސަރުކާރުން ރާއްޖޭގެއެކި ކަންކޮޅުތަކުގައި ތަރައްގީ ކުރަމުން އަންނަ ކުޅިވަރު ވަސީލަތްތަކުގެ ތެރެއިން މިސިޓީގައި ހުޅުވިގެންދިޔަ ބެޑްމިންޓަން ހޯލަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ބަޖެޓުންވަނީ 1،438942 ރުފިޔާ ހަރަދުކޮށްފައެވެ. މިހޯލަކީ މީގެ ކުރިން ދޫނޑިގަން ކައުންސިލުން ތަރައްގީކޮށް ބަލަހައްޓަމުން އައިސްފައިވާ ހޯލެކެވެ.

މިސިޓީގެ ގިނަ އަދަދެއްގެ މީހުން ބެޑްމިންޓަން ކުޅެމުން އަންނައިރު މި ހޯލް ހުޅުވުމުގެ ރަސްމިއްޔާތުގައިވަނީ އެކުވެރިކަމުގެ މެޗު ތަކެއް ކުޅެވިފައެވެ. އެގޮތުން އާންމުކޮށް ބެޑްމިންޓަން ކުޅެ އުޅޭ ކުޅުންތެރިން އަންހެން ފިރިހެން އެއްކޮށް 6 ޓީމަކަށް ބަހާލުމަށްފަހު ރޭ ވަނީ އެކުވެރިކަމުގެ މެޗުތަކެއް ކުރިއަށް ގެންގޮސްފައެވެ.

ފޮޓޯ ގެލަރީ